އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެ ނޫސްވެރިންނާއި، މަތީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން ”ހޭލުންތެރި މީޑިއާ“ގެ ނަމުގައި ހިންގި ތަމްރީން ޕްރޮގްރާމު ނިންމާލައިފިއެވެ.

މިއީ ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާ އިން ފުވައްމުލަކު ސިޓީގައި މިމަހު 19 އިން 20 އަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ދެ ދުވަހަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަ ކޮށްފައިވަނީ 28 ބައިވެރިންނެވެ.

މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ ނޫސްވެރިކަމުގައި އުޅޭ އަދި ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނަ އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ ފަރާތްތައް ޚަބަރާއި މަޢުލޫމާތު ފެތުރުމަށް އަހުލުވެރިކުރުވުމެވެ.

މީގެ އިތުރުން ދޮގު ޚަބަރު ފެތުރުމުން ލިބޭ ގެއްލުމާއި، ނޫސްވެރިންނަށް ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ޙަބަރު ގެނެސްދިނުމަށް މައުލޫމާތުދިނެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނާއި މައުލޫމާތު ހިއްސާކުރާ މައުޟޫތަކުގެ ތެރޭގައި، ނޫސްވެރިކަމާއި ނޫސްވެރިކަމުގެ އަޙްލާޤު، ނޫސްވެރިކަމުގެ ވައްތަރުތަކާއި ލިޔުންތެރިކަމުގެ ވައްތަރުތައް، ދިވެހިރާއްޖޭގެ ތަރައްޤީގައި ނޫސްވެރިންގެ ދައުރު، ތަޙްޤީޤީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމް، އެކި އެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގު، ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ފުރުޞަތުތައް އަދި ފޭކް ނިއުސް އެންޑް ޝޮލިއުޝަން ޖާރނަލިޒަމް ހިމެނެއެވެ.

މި ސެޝަންތައް ނަންގަވާ ދެއްވަނީ އަލީ ޝައްމާން، އަބްދުއްލަތީފު އަހުމަދު، އަހުމަދު ނާއިފު، މުޙައްމަދު ނަޒީފު، ޝަމްއާން ޝާކިރު، ރަޝީދު، އަޝްރަފު ޢަލީ އަދި ޑރ އިބްރާމް ސަމީރެވެ.

ހޭލުންތެރި މީޑިއާގެ އިތުރު ޓްރެއިނިން ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަކީ މި ވުޒާރާގެ އަމާޒެކެވެ.