އާޓިސްޓުންގެ ހުނަރު ވިއްކުމުގެ ފުރުސަތު ފަހި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވިއަން އާޓްސް ކޮމިއުނިޓީގެ ”އަންވެއިލިން ވިޝަން 2024“ ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އަންނަ އަހަރުންފެށިގެން، ޔޫތު މިނިސްޓްރީގެ ބަޖެޓުގެތެރެއިން، އާޓް އިންޑަސްޓްރީއަށް ހަރަދުކުރުމަށް ތިޔަބޭފުޅުންނަށް ގްރާންޓް ގޮތުގައި ދޫކުރުމަށް، ކަނޑައެޅޭ އުސޫލެއްގެތެރެއިން ފަންސަވީސް މިލިއަން ރުފިޔާ ކޮންމެ އަހަރަކު ހަމަޖައްސައިދެއްވާނެ ކަމަށެވެ.

”އަދި ހަމައެއާއެކީގައި، ސްޕޭސްގެ ވާހަކަ އެބަ ދެކެވޭ. މިތަނަކުން ނުފުދޭނެޔޭ. އާދެ، މި އެގްޒިބިޓް ކުރާ ކޮންމެ އެއްޗެއް ތިޔަބޭފުޅުންގެ އުންމީދަކަށްވާނީ، މީގެ ޒަރީއާއިން ތިޔައިން ކޮންމެ އާޓިސްޓަކަށް، ތިޔަބޭފުޅުންގެ ކެރިއަރ ކުރިއަށް ގެންދިޔުމުގެ ފުރުސަތު ލިބެން. އާމްދަނީ ހޯދޭނެ ގޮތްތައް ފަހިވާން.“ ރައީސް މުއިއްޒުއެވެ.

ރައީސް ވިދާޅުވީ އެކި ފަންނަށާއި ޔޫތު މިނިސްޓްރީގެ ދަށުން ހިންގޭ،  ދާއިރާތަކުގެ އެކިއެކި ކަންކަމަށް ބޭނުންވާ ޖާގަ ހަމަޖެއްސުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށައި، އެކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ޓޫރިޒަމް އިންޑަސްޓްރީއަށް ހާއްސަކޮށް، މައުރަޒުތައް ބޭއްވޭނެމަގު ސަރުކާރުން ފަހިކޮށްދޭނެ ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.

”އަދި އޭގެއިތުރަށް، އަޅުގަނޑުމެންނާއި އެކިއެކި ފަރާތްތަކާ ވާހަކަ ދެކެވިގެން، ރަޙުމަތްތެރި އެކި ގައުމުތަކާ ވާހަކަ ދެކެވި، ތިޔަބޭފުޅުންނަށް އެންމެބޮޑަށް ފުރުސަތު ހުޅުވައިލެވޭނެ މަގުތައް ބަލައި، ރާއްޖެއިން ބޭރުގައި އަޅުގަނޑުމެން ބާއްވާ އެކިކަހަލަ ފޯރަމްތަކުގެތެރެއިން ޖާގަ ހޯދައި، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަށް ކުރިއަރައިގެން ދިޔުމުގެ ފުރުސަތު އަޅުގަނޑުމެން ހޯދަދޭނަން.“ ރައީީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އިގްތިސާދީ މެނިފެސްޓޯގައި ހިމެނޭ އެއް ކަމަކީ، ކްރިއޭޓަރ އިކޮނޮމީއެއް ގާއިމުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

މިފަދަ ފަންނުވެރިންގެ ކުރެހުންތަކާއި ފަންނުތައް ވަރަށް ފުޅާ ކަމަށާއި، އާޓިސްޓުނަށާއި، އައި.ޓީ. ދާއިރާތަކުގެ ފަންނުވެރިންނަށާއި، އެކިކަހަލަ އަތްތެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް ކްރިއޭޓަރ އިކޮނޮމީއެއް ގާއިމު ކުރައްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

”ދެން ޖުމްލަކޮށް ކްރިއޭޓަރ އިކޮނޮމީއަކަށް އަޅުގަނޑުމެންގެ މި އަތުން، އަތްތަކުން، ވިސްނުންތަކުން، ސިކުނޑިން މި ކުރެވޭ މަސައްކަތްތަކުން މި އުފެދޭ ޓެލެންޓް، މެޓީރިއަލް ޓެލެންޓް، އަދި އެހެނިހެން އިންޓެލެކްޗުއަލް ޓެލެންޓް ބޭނުންކޮށްގެން މި އުފައްދާ އުފެއްދުންތައް ވިއްކޭނެގޮތް، އިންޓަރނޭޝަނަލް ޑިޖިޓަލް ޕްލެޓްފޯމްގައި ވިއްކޭނެގޮތް މަގުފަހިކޮށްދިނުން އެއީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު އެއް ކަންތައް. އެކިކަހަލަ އިންޓަރނޭޝަނަލް ޕްލެޓްފޯމްތަކުގައި ސެލަރ އެކައުންޓްތައް ކްރިއޭޓްކޮށް، ޕޭމަންޓް ފުރިހަމަ ގޭޓްވޭ ނިޒާމް ގާއިމުކޮށްދިނުން. މި މަސައްކަތް މިހާރު ފެށިފައިވަނީ.“

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއީ ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ކަމެއް ކަމަށާއި، ލީގަލް އަދި އެކިކަހަލަ އެހެން މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށެވެ.