ފަތުރުވެރިންނަށްޓަކައި ނެޝަނަލް އާޓް ކަލެކްޝަން ހުޅުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން، އިންތިޒާމްކޮށްގެން ބާއްވާ ”އަންވެއިލިން ވިޝަންސް 2024“ މައުރަޒު ބައްލަވައިލައްވައި، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވަނީ، ނެޝަނަލް އާޓް ގެލެރީގައި އެގްޒިބިޝަނެއް ކުރިއަށް ނުދާ ނަމަ، އެ ތަނުގައި ކަމެއް ނޯންނަކަން ފާހަގަކުރައްވައިފައެވެ.

”ފަތުރުވެރިންގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިތަނަށް ޒިޔާރަތް ކުރޭ، އެހެންނަމަވެސް މި ތަން ތަޅުލާފައި ހުރުމުގެ ސަބަބުން، ގިނަ ފަހަރަށް ފަތުރުވެރިން މި އަރަނީ މައްޗަށް. ނެޝަނަލް ލައިބްރަރީއަށް.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އާޓް އެގްޒިބިޝަން ފަދަ ހަރަކާތެއް އޮތްތޯ، ފަތުރުވެރިން ސުވާލު ކުރާކަން ފާހަގަކުރައްވައިފައެވެ. އެހެންވެ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު، ނެޝަނަލް އާޓް ކަލެކްޝަން ވަރަށް އަވަހަށް ފަތުރުވެރިންނަށް ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދިޔަ ހަފުލާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އާޓިސްޓުންގެ ހުނަރު ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުންދެއްވައި މެނިފެސްޓޯގައިވާގޮތަށް މަސައްކަތް ކުރައްވާނެކަމަށެވެ.

އެގޮތުން އާޓިސްޓުންގެ ކުރެހުންތައް ވިއްކޭނެ މަގުތައް ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ.