ކާނާ ވިހަވި ހުރިހާ ދަރިވަރުން ވެސް ހޮސްޕިޓަލުން ދޫކޮށްލައިފި
އައްޑޫ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި، ކާނާ ވިހަވެ، ހާލު ގޯސްވެގެން އައިސީޔޫގައި ފަރުވާ ދިނުމަށްފަހު ވޯޑަށް ބަދަލުކުރި ދެ ދަރިވަރުންވެސް ހޮސްޕިޓަލުން ދޫކޮށްލުމާއެކު، މި ހާދިސާގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރި ހުރިހާ ދަރިވަރުން ވެސް ހޮސްޕިޓަލުން ދޫކޮށްލެވިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ކާނާ ވިހަވުމުގެ ސަބަބުން ޕޮލިސް ކޮލެޖްގައި ތަމްރީނު ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 32 ދަރިވަރަކަށް ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ.

މިކަމާ ގުޅިގެން މި ދަރިވަރުންނަށް އެމެޖެންސީގައި ފަރުވާދީފައިވާއިރު އެންމެ ފުރަތަމަ އައިސީޔޫގައި ފަސް ދަރިވަރުންނަށް ވަނީ ފަރުވާދީފައެވެ. މި ހުރިހާ ދަރިވަރުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.