މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި މިގޮތަށް ފާސް ކުރީ 63 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ހާޝިމް ވަކި ކުރަން ރައީސަށް ލަފާ ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން އެގޮތަށް ފާސްކުރީ، ރާއްޖޭގެ އިގުތިސާދީ ކާރިސާ އިން ގައުމު ސަލާމަތް ކުރުމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރުގެ ހައިސިއްޔަތުން އަލީ ހާޝިމް މަސައްކަތް ކޮށްފައިނުވާތީ އޭނާ މަގާމުން ވަކިކުރަންޖެހޭ ކަމަށް ބުނެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލައި މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސްކުރުމަށް ފަހުގައެވެ.

 

އެ ރިޕޯޓުގައި ވަނީ އަލީ ހާޝީމް މަގާމުން ވަކިކުރަން ރައީސަށް ލަފާ އަރުވަން ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ.

މީގެ ކުރިންވެސް އެ ކޮމިޓީން އަލީ ހާޝިމް ވަކިކުރުމަށް ރައީސަށް ލަފާ އަރުވަން ފާސްކޮށް، މަޖިލީހުގެ ރައީސަށް ސިޓީއަކުން ދެންނެވިއެވެ.

ނަމަވެސް އެ މައްސަލައިގައި ގަވަރުނަރަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށް މައްސަލަ ދިރާސާކުރުމަށް އަލުން އެ މައްސަލަ މަޖިލިސް ރައީސް ކޮމިޓީއަށް ފޮނުވިއެވެ.

އެކަމާ ގުޅިގެން އެ މައްސަލައިގައި ޖަވާބުދާރީވުމަށް ގަވަރުނަރަށް މާލިއްޔަތު ކޮމިޓީން ތިން ފުރުސަތު ދިން ނަމަވެސް ކޮމިޓީގެ ޖަލްސާތަކަށް ގަވަރުނަރު ހާޒިރުވެވަޑައިނުގެންނެވިއެވެ. އެ މައްސަލައިގައި އެންމެ ފަހުން ގަވަރުނަރު ލިޔުމުން ދެއްވާފައިވާ ޖަވާބުގެ އިތުރަށް އިތުރު ކަމެއް މެންބަރުން ސާފުކުރަން ބޭނުންވާނަމަ ލިޔުމުން އެކަމަށް ޖަވާބުދާރީވާނެކަން ގަވަރުނަރު ކޮމިޓީއަށް އެންގެވިއެެވެ.

އެކަމާ ގުޅިގެން ލިޔުމުން ޖަވާބުދާރީވުމަށް ގަވަރުނަރަށް އިތުރު ފުރުސަތެއް ދިނުމާގުޅޭ ގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި ވޯޓަށް އެހިއެވެ. އެ ވޯޓުގައި މެންބަރުންގެ އަގުލަބިއްޔަތުން ނިންމީ އިތުރަށް ފުރުސަތެއް ދޭން ނުފެންނަ ކަމަށެވެ.