ސިނަމާލެ ބްރިޖުން ޓޯލް ފީއެއް ނެގުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރަހައްދުގެ ބްރިޖާއި ހައިވޭތައް ބޭނުންކުރާ އުޅަނދުތަކުން ޓޯލް ފީއެއް ނެގުމަށް ރޭ ބޭއްވި ”މާލެ ފަހި“ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ޖަލްސާގައި އިއުލާން ކުރިއެވެ.

އެކްސްގައި މިއަދު ޕޯސްޓެއް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެގޮތަށް އިއުލާނު ކުރި ނަމަވެސް ރައްޔިތުންގެ ހާލަތު މަތި ނުވަނީސް ބްރިޖުން ޓޯލް ފީ ނުނަގާނެ ކަމަށެވެ.

”އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ހައްލުވުމުގެ ކުރިން، އަދި ގައުމާއި ރައްޔިތުންގެ އިގްތިސޯދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވަން،“ ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ބްރިޖު ފަދަ ހިދުމަތްތައް ދޭއިރު، އާއްމު ރައްޔިތުންގެ އަތުން ޓޯލް ފީއެއް ނަގައެވެ. މިގޮތަށް ފީ ނަގާ މައިގަނޑު ސަބަބަކީ ބްރިޖު ފަދަ ވަސީލަތްތައް މެއިންޓެއިން ކުރުމަށް ބޮޑު ހަރަދެއް ހިނގާތީއެވެ.