ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތަށް ފައިނޭންޝަލް ސެންޓަރު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ޕޯސްޓެއް ކުރައްވައި ސައީދު ވިދާޅުވީ ރާއްޖޭގައި ފައިނޭންޝަލް ސެންޓަރު ތަރައްގީކޮށް ހިންގުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ކުރެވިފައި ކަމަށެވެ.
“ފައިނޭންޝަލް ސެންޓަރުހިންގުން“ ބިލުގެ ޑްރާފްޓްނިމި މަޖިލީހަށްދިއުމުގެ މަރުހަލާގައި ވާއިރު، އިސްލާމިކް ފައިނޭންސް މުހިންމު ދައުރެއް އަދާކުރާނެ.“ ސައީދު ވިދާޅުވިއެވެ.
ިއިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ކ.ފުނަދޫ ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު، މި އަހަރުގެ ޖެނުއަރީ މަހުގައި ވިދާޅުވެފައިވެއެވެ.
އިތުރުން ”މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ“ގެ ނަމުގައި އާ އިދާރާއެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހަށް ފޮނުވުމަށް ހަމަޖެހިފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އިދާރާ ވެގެންދާނީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ރާއްޖޭގައި ގާއިމްކުރުމުގެ މަގު ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅުކަމުގައެވެ.
އަދި މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް އެމް.އެމް.އޭ. އާއި، ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން ކުރިއަށްދާކަން އޭރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

