މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތް ކަމަށާއި، ގައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީވެސް މިނިވަންކަން އޮވެގެންކަމުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ ވީޑިއޯ މެސެޖެއްގައެވެ.
ރާއްޖޭގެ 59 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާ ދެއްވި މި ވީޑިއޯ މެސެޖުގައި ރާއްޖެއަކީ މިނިވަންކަމުގެ ދިގު މާޒީއެއް އޮތް ގައުމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.
އަދި ރާއްޖޭގެ މިނިވަންކަމަށް ބަޔަކު އަތްގަދަކުރާ ކޮންމެ ފަހަރަކު ހިތްވަރުގަދަ ދިވެހި ދަރީންތަކެއް ނުކުމެ ގައުމު ސަލާމަތްކޮށްދޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ދިވެހި މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރެއްވި ވަރުގަދަ ބަޠަލުންގެ ޒިކުރާ އާކުރައްވައި ކާބަފައިންވީ ގުރުބާނީ ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކުރެއްވުމަށާ، ގައުމުގެ ސުލްޙަވެރިކަމާ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގައި، ބައިވެރިވެވަޑައިގެންނެވުމަށް ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

