ކުރީ ސަރުކާރުގައި ފެނަކައިން ގިނަ ރަށްރަށުގައި ފަށާފައިވާ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފެނަކައިން އާބާދީ ބޮޑެތި ރަށްރަށުގައި ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކާ ގުޅޭ މަޝްރޫއުތައް ފަށައި، ހުއްޓާލާފައި ހުރި ކަމަށެވެ.

”އެގޮތުން އައްޑޫ ސިޓީގައި އޮތީ މަސައްކަތް ހުއްޓިފައި، ފުވައްމުލަކު ސިޓީގައި އޮތީ މަސައްކަތް ހުއްޓިފައި. ތިނަދޫގައި މަސައްކަތް ހުއްޓިފައި. ކުޅުދުއްފުށީގައި މަސައްކަތް ހުއްޓިފައި.“ މިނިސްޓަރު ވިދާޅުވިއެވެ.

ތޯރިގު ދާޅުވީ އެންވައިރޮމެންޓް މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނެނީ ސްޓެލްކޯއާއި، ފެނަކަ، އެމްޑަބްލިއުއެސްސީގެ އިތުރުން ވެމްކޯކަމަށެވެ.

މި ކުންފުނިތަކުގެ އެތެރޭގައި މަސައްކަތް ކުރެވެމުން ދާގޮތް ދުވަހުން ދުވަހަށް، ބަލައި ގަވައިދުން މޮނީޓަރ ކުރެވޭކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ކުންފުނިތަކުގެ މަސައްކަތްތައް އިތުރަށް ރަނގަޅުކޮށް ހަރުދަނާ ކުރެވިގެން ދާނެކަމަށެވެ.