ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)އާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ސަރުކާރާ ނުކުޅުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް(ރެޑްވޭޭވް ސަލީމް) އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފިއެވެ.

ކޮންގްރެސް ޕާޓީގެ ހަރުގެ ”ހައުސް އޮފް ޕީއެންސީ“ގައި މިރޭ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ސަރުކާރު ދާނީ ކުރިއަށް ކަމަށެވެ.

”އަޅުގަނޑުމެންނާ ބެހުނު ކަމުގައި ވިޔަސް، އެއަކަށް އަޅުގަނޑުމެން މާ ބޮޑު ސަމާލުކަމެއް ނުދޭނަން.“ ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންގްރެސް ޕާޓީގެ ހަރުގެއަށް ހަމަލާ ދެވޭނެ އެއްވެސް ފަރާތެއް މީސްތަކުންގެ ތެރެއިން ނާންނާނެ ކަމަށާއި، އެއަށްވުރެ އެ ޕާޓީ ވަރުގަދަ ވާނެ ކަމަށެވެ.

”އެހެންވީމަ، އަޅުގަނޑު އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން އޮތީ، އަޅުގަނޑުމެންނާ މާ ބޮޑަށް ނުކުޅޭށޭ، އަޅުގަނޑުމެން ދާނީ ކުރިއަށޭ.“ ސަލީމް ވިދާޅުވިއެވެ.

ދައުލަތް ބަނގުރޫޓުވަމުންދާ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، މި ފާއިތުވި 08 މަސް ދުވަހުގެ ތެރޭގައި، މީގެ ކުރިން މުސާރަ ނުދޭހައި އަވަހަށް މުވައްޒަފުންނަށް މުސާރަ ދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ އެއްވެސް ތަނަކުން މުވައްޒަފުން ވެސް ވަކިކޮށް ނިކަމެތިކޮށް ނުލާ ކަމަށާއި، ދައުލަތް ވަރުގަދައަށް ހިންގާއިރު، ސިޔާސީ މަގާމުތައް ވެސް އިތުރުވާން ޖެހޭ ކަމުގައެވެ.