ލ.ފޮނަދޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް 1200 ކވ ގެ އާ ޖަނެރޭޓަރެއް ފޮނުވައިފިއެވެ.

ފެނަކައިން ބުނީ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ފޮނަދޫ އަށް 1200 ކވ ޖަނެރޭޓަރެއް މިހާރު ވަނީ ފޮނުވާފައި ކަމަށެވެ.

މި ޖަނެރޭޓަރު ރަށަށް ލިބުމާ އެކު އިންސްޓޯލްކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުންވެސް އެހެނިހެން ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ ކޯޕަރޭޝަންއިން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 1.5 މެގަވޯލްޓްގެ އާ ޖަނަރޭޓަރެއް ގަނެފައިވާ ކަމަށާއި އޮގަސްޓު މަހުގެ ތެރޭގައި އެ ޖަނަރޭޓަރު ބަހައްޓާ ކަރަންޓު ދޭން ފެށޭނެ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު ވިދާޅުވިއެވެ.