ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނުގެ ޑެޕިއުޓީ ހެޑް ޒުލްގަރްނައިން އަޙްމަދް އާއި ބައްދަލުކުރައްވައިފިއެވެ.
މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތީ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަމްޒާ އަދި ޕްރޮގްރާމް އޮފިސަރ ޢައިޝަތު ސާހާ ސޮބާހްއެވެ.
މި ބައްދަލުވުމުގައި ޕާކިސްތާނުގެ ލަހޯރގައި ހުންނަ ބީކަންހައުސް ޔުނިވަރސިޓީއިން ސާރކް ގައުމުތަކުގެ ދަރިވަރުންނަށް އާރޓް އަދި ޑިޒައިން ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ދެވޭ ފުރުޞަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މިފަދަ ހުނަރުވެރި ކުދިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް މަޝްވަރާކުރެވުނެވެ.
އެއާއެކު، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި ގުޅިގެން ކުރިއަށްގެންދިޔަ ”ގެވެށި ގުޅުން“ ކެމްޕެއިން އަލުން މުރާޖާކޮށް، އައު ޕްލޭންތަކަކާއެކު އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގްރޫޕްތަކާ އެކީގައި ކުރިއަށް ގެންދިއުމަށްވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.
އިބަމަ ގްރޫޕުތަކާއެކު މި މަސައްކަތްކުރުމުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި، މެދު ކެނޑުމެއްނެތި މިފަދަ އިޖުތިމާޢީ ރައްކާތެރިކަމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބާރުއެޅުން ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕމަންޓް މިނިސްޓްރީން ބުންޏެވެ.
”ގެވެށި ގުޅުން“ ކެމްޕެއިނަކީ ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކޮށް، އެފަދަ އަނިޔާ ލިބެމުންދާ ފަރާތްތައް ރައްކާތެރިކޮށް، ގެވެށި އަނިޔާއާ ގުޅޭ ގޮތުން މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކުރުމަށް 2022 ވަނަ އަހަރު ކުރިއަށްގެންދެވުނު ޕްރޮގްރާމެކެވެ.
ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަމްޒާ ފާހަގަކުރެއްވި ގޮތުގައި މި ބައްދަލުވުން ވެގެންދިޔައީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމަކަށެވެ.
އެކަމަނާ ވިދާޅުވީ، ޕާކިސްތާނު ހައި ކޮމިޝަންއާއި ގުޅިގެން މުހިންމު، ދެމެހެއްޓެނިވި މަސައްކަތްތަކެއް ވަރަށް އަވަސް މުސްތަޤްބަލެއްގައި ފެށިގެންދާނެކަމަށެވެ.

