ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު، އެ ކޯލިޝަނާ ދުރަށް ޖެހިވަޑައިގަތީ، އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބައްލަވަން، ލަގޮނޑިއަށް ކެތް ނުކުރެއްވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ، ސަރުކާރާ ދުރަށް ދާން ޖެހުނީ ހަދާ ގޯސްތައް ހަޖަމު ނުވެގެން ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވިޔަސް، ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވި ފަހުން، ރައީސް ޔާމީން އެންމެ ފުރަތަމަ ފަހަރަށް އާއްމުންނާ ބައްދަލު ކުރެއްވިއިރު ވެސް، ރާގު ހުންނެވީ ސަރުކާރާ ދެކޮޅަށެވެ.
ރައީސް ޔާމީނަށް ރައްދު ދެއްވައި އަބްދުއްރަހީމް އެކްސްގައި ވަނީ، ރައްޔިތުން ހެއްލިދާނެ ކަމަށް މާމޮޅު ވާހަކަ ދައްކަވަން ނޫޅުއްވުމަށް ރައީސް ޔާމީނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
”ސަރުކާރާ ދުރަށްޖެހުނީ ތިމާގެ ހުރި ބޮޑާކަމާ ކިބުރުވެރިކަމެއްގެ ބޮޑުކަމުން ތިމާނޫން އެހެން ބޭފުޅަކު ވެރިކަން ކުރައްވާ މަންޒަރު ބަލަން ލަގޮނޑިއަށް ކެތްނުވެގެން.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވެރިކަމާ ދުރަށް ޖެހިވަޑައިގަތީ، ވެރިކަމުގެ އިއްޒަތާ ލައްޒަތަށް އޮތް ދަހިވެތިކަމަކުން ކަމަށެވެ. އޭނާ ވިދާޅުވީ މިކަން ވަކީން ބޮޑަށް މިއަދު ރައްޔިތުނަށް ޔަގީންވާނެ އެއް ކަމަކީ ރައީސް ޔާމީން ސިޔާސީ ގޮތުން ފެއިލްވެފައި ތިބި ދެތިން މީހުން ގޮވައިގެން ”ތިޔަ ޖަހާ ހަޑިހުތުރު މުޑުދާރު ސަކަރާތުން“ ކަމަށެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީއިރު، ޕީއެންއެފްގެ ސެކްރެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވަނީ ރައީީސް މުއިއްޒުގެ ސިފައަށް ފުރައްސާރަކޮށް، އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވައިފައެވެ. މިކަމާ ގުޅިގެން ގިނަ މީހުންގެ ފާޑު ކިޔުން އެ ޕާޓީއަށް އަމާޒުވިއެވެ.

