މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހާމަކޮށްފިއެވެ.

އިއްޔެވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހިފައިވެއެވެ.

މެޓް އޮފީހުން ލަފާ ކޮށްފައިވާ ގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ.

ދެކުނުގެ އަތޮޅުތަަކަށް ދެކުނާއި ހުޅަނގު ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާ ކުރެއެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މޫސުން ގޯސްވެ، ކަނޑު ގަދަވުމުގެ ސަބަބުން ހަ ހާދިސާއެއްގެ ރިޕޯޓް ރޭ ކޯސްޓްގާޑަށް ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ތިން ހާދިސާއަކާ ގުޅިގެން އެމްއެންޑީއެފުން މިއަދު ހަރަކާތްތެރިވެފައިވާ ކަމަށެވެ.