ރާއްޖޭގައި ހެލިކަޕްޓަރުގެ ހިދުމަތް ފެށުމަށް އެ އުނޅަދު އޮޕަރޭޓްކުރުމަށް ބޭނުންވާ މީހުން ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކުއްލި އިމަޖެންސީ ހާލަތަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވުމުގެ ގޮތުން ހެލިކޮޕްޓަރު ދަތުރުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
މި ހިދުމަތް ރާއްޖޭގައި ދޭ ފަރާތްތަކުން ރެޕިޑް މެޑިކަލް ރެސްޕޮންސްތަކަށް ހެލިކޮޕްޓަރު ބޭސްޑް އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ވާނެ ކަމަށް އިއުލާނުގައިވެއެވެ.
އަދި ހުރިހާ ސަރަހައްދެއްގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ހެލިކޮޕްޓަރު ބޭނުން ކުރެވެން ޖެހޭއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކޮމާޝަލް ޕެސެންޖަރ ޓްރާންސްޕޯޓް ތައާރަފް ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

