20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ވެރިކަން ކުރާ ޕީއެންސީން ކާމިޔާބު ކުރީ ”ހުސް ގޮނޑިއާ ނުލައި“ ‏ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ރައްޔިތުން ރައީސް މުއިއްޒުއަށް ދިން އެއްޗެކެވެ. އެއީ ރައީސް ޔާމީންއަށް ދިން އެއްޗެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވިއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ހޮސްގޮނޑި ދައްކައިގެން ކަމަށް ޔާމީންގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.

އަބްދުއްރަހީމް ރޭ ފާހަގަކުރެއްވީ، އޭޕްރީލް މަހުގައި ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީން ”ހުސްގޮނޑި“ ‏‏ބޭނުން ނުކުރައްވާ ކަމެވެ.

”ވެރިކަން، ބުނީ، ހުސް ގޮނޑިއެއް ހިފައިގެން ނުކުމެއޭ ހޯދީ. އެހެންބުނީމަ އަޅުގަނޑުމެން ނުކުތީ ހުސްގޮނޑިއާ ނުލައި. ނުކުމެ 75 ގޮނޑި (ރައީސް‏) މުއިއްޒުއަށް ރައްޔިތުން ދިނީ.“ އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ބުނާ ހުސްގޮނޑި ހިފައިގެން ދުވި މީހުންނަށް 93 ގޮނޑީގެ ތެރެއިން އެންމެ ގޮނޑިއެއް ވެސް ނުދޭ ކަމަށެވެ.

ރޭގެ ޖަލްސާގައި އަބްދުއްރަހީމް ވަނީ، ކުރީގެ ރައީސް ޔާމީން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވެރިކަން ކުރުމަކީ، އެކަން ކުރައްވާފައިވާ ބޭފުޅެއްގެ ފަރާތުން ދަސް ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި، ރައީީސް ޔާމީނަށް ދެން އެންމެ ރަނގަޅުވާނީ ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ހައެއްކަ މީހުންނާ ދުރަށް ޖެހިވަޑައިގެން ގޭގައި މަޑުކުރެއްވުން ކަމުގައި ވިދާޅުވިއެވެ.