އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ މި މުޖްތަމައުއަށް ބޭނުން ޖެހިފައިވާ ނަމޫނާ މަސައްކަތްތަކެއް ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިހެން ވިދާޅުވީ ޑރ.ޝަހީމް ހާސިލު ކުރެއްވި ޕީއެޗްޑީ އަކީ ފޭކެއް ކަމަށް، ފާޑު ކިޔާ ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ނަމަވެސް ސިޔާސީ ގޮތުން ޑރ.ޝަހީމާ ފިކުރު ތަފާތު ކަމުގައި ވިޔަސް، ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވެސް ވަނީ، ޝަހީމްގެ ޕީއެޗްޑީއާމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެ، ”ފޭކު ޕީއެޗްޑީގެ ޚަބަރު“ ދޮގު ކުރައްވައި، ޝަހީމް ދިފާއު ކުރައްވައިފައެވެ.

ފިރުޒުލް މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ އެއްވެސް އަސްލެއް އަސާސެއް ނެތި މީހެއްގެ ބޮލުގައި ކަނޑައެޅިގެން ހަގީގަތާ ހިލާފަށް ބޮޑެތި އިލްޒާމު އަޅުވައި އެ ވާހަކަތައް ފަތުރާއިރު ހަމަ އެއްވެސް އެއްޗެއް ހިތަށް ނާރަނީތޯ އައްސަވައިފައެވެ.

”ދެރަކަމަކީ ކުރިން ވަޒީރުކަން ކޮށްފައިވާ ފަރާތްތައް ހިމެނޭހެން އެންމެން މިކަން އާދައިގެ ކަމަކަށް ހެދުން! ރައީސްގެ ގިޔާދަތުގައި ޑރ.ޝަހީމް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަކީ މި މުޖުތަމައަށް އިންތިހާއަށް ބޭނުން ޖެހިފައިވާ ނަމޫނާ މަސައްކަތްޕުޅުތަކެއް.“ އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ޑރ.ޝަހީމް ކުރައްވަމުން ގެންދަވާ މަސައްކަތުގައި އިތުރު ސާބިތުކަމާއި ރައްކާތެރިކަން ދެއްވުން އެދިވަޑައިގަންނަވާ ކަމުގައި ފިރުޒުލް ވިދާޅުވިއެވެ.