މެމްބަރުންގެ ހާޒިރީ އެންމެ ރަނގަޅު ރައްޔިތުންގެ މަޖިލީހަކަށް 20 ވަނަ ރައްޔިތުންގެ މަޖިލިސް ވާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އަދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ރައްޔިތުން ޕީއެންސީ އަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދެއްވާފައިވާއިރު، ރައީސް ޑރ.މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައި ވަނީ ނަމޫނާ މަޖިލީހަކަށް ވުމަށް ކަމަށާއި، އެގޮތުގެ މަތިން މަޖިލީހުގެ މެމްބަރުން ގެންދަވަނީ ރެއާ ދުވާލު މަސައްކަތް ކުރައްވަމުން ކަމުގައެވެ.

”ނަމޫނާ މަޖިލީހަކަށްވުމަށްޓަކާ ފުރަތަމަ ކަމަކީ ވެސް ގަޑިއަށް ފަރުވާތެރިކަމާއެކު ތިބޭފުޅުން މަޖިލީހަށް ހާޒިރުވުމޭ. ބަލި ހާލަތު ޖެހިގެން ނޫނީ، އަންބަކު ދަރިއަކު ބަލިވެގެން ނޫން ގޮތަކަށް، ޕާލިމެންޓްރީ ގްރޫޕަށް 75 މެމްބަރުން ނިސްބަތްވާއިރު، އެއްވެސް މެމްބަރަކު ނުތިބެން.“ އޭނާ ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މަޖިލީހުގައި ޕީއެންސީގެ މެމްބަރުން މަސައްކަތް ކުރައްވަނީ ކަމަކަށް ކަމެއް ކުރެއްވުމަށް އެކަނި ނޫން ކަމަށާއި އިހްލާސްތެރިކަމާއެކުގައި ކަމަށެވެ.

ނިމިދިޔަ 19 މަޖިލީހުން މަސައްކަތް ކުރީ، ވަރަށް ތަފާތު ގޮތަކަށް ކަމުގައި ވިދާޅުވެ، ”ވައްކަން“ ކުރުމަށް ވެސް ގާނޫނުތަކާއި ގަވާއިދުތައް ހައްދަވަމުން ގެންދެވި ކަމަށް ފަލާހު ވިދާޅުވިއެވެ.