އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ހަވީރު ރާއްޖެ ވަޑައިގެންފިއެވެ.
ޖައިޝަންކަރު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނާފައި ވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ.
މިނިސްޓަރު ޒަމީރު އެކްސްގައި ވިދާޅުވީ ރާއްޖެ-އިންޑިއާގެ ގުޅުން ބަދަހި ކުރުމަށް ޖައިޝަންކަރާއެކު މަޝްވަރާ ކުރެއްވުމަށް ބާއްވަވާ ބައްދަލުވުމަށް އިންތިޒާރު ކުރައްވާ ކަމުގައެވެ.

އިއްޔެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖޭގައި މަޑުކުރައްވާނެ ކަމަށެވެ.
މި ދަތުރުގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
އަދި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތައް ވެސް ބައްލަވާލައްވާނެ ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

