ރާއްޖެ އާއި އިންޑިއާ ދެމެދު އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު، ސުބްރަމަނިއަމް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ހަވީރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރު ވިދާޅުވީ، ޖައިޝަންކަރުގެ މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ދެގައުމު ގުޅިގެން ކުރިއަށް ގެންދިއުމަށް މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

އަދި ދެގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހި ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

ޖައިޝަންކަރުގެ މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.