މިނިސްޓްރީ އޮފް ސޯޝަލް، އެންޑް ފެމިލީ ޑިވެލޮމްޕަންޓުން ފަށައިގެން ކުރިއަށްގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވިފައިވާ ބޭސްފަރުވާއާއި ގުޅުންހުރި މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދުމަށް އެ މިނިސްޓްރީން، ހެލްތު މިނިސްޓްރީގެ އިސް ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ.

މި ބައްދަލުވުމުގައި، ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލުތަކެއް ހޯދޭނެ ގޮތްތަކާއި، ދާނުގައި ތިބޭ މީހުންނާއި އެކި ބާވަތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި، އެ ފަރާތްތައް ހޮސްޕިޓަލަށް ގެނައުމާއި، އަދި ސްޕެލިސްޓުންނަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމާއި، އާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދެ ވުޒާރާއިން ގުޅިގެން ކުރާނެ ކަންކަމާއި ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ޕީ.އެސް.އެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވީ ބޭސްފަރުވާގެ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައިގެ އިތުރުން ރައްޔިތުން އެންމެ ބޮޑަށް ހައްލު ބޭނުންވާ މައްސަލައިގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމަށްޓަކައި މިހާރުވެސް އެ ވުޒާރާއިން ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދިވެސް ކަމާ ގުޅުންހުރި އެކި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

ވަކިން ހާއްސަކޮށް، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ ޖީޕީ ކްލިނިކްގެ ހިދުމަތްތަކާއި ބެހޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވި، ޕީޖީ ކްލިނިކްގެ ބޭނުން އެކަށީގެންވާ ގޮތުގައި ހިފެން ފެށުމާއެކު، ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކަށް އެކަށީގެންވާ ރަނގަޅު ހައްލުތަކެއް ހޯދިފައިވާކަމަށް ލަހުފާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން 30 މެއި އިން ފެށިގެން މިހާތަނަށް ޖީޕީ ކްލިނިކް މެދުވެރިކޮށް ޑޮކްޓަރަށް ދެއްކުމާއި، ސްޕެޝަލިސްޓުންނަށް ދެއްކުމަށް އެދިފައިވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެވިފައިވާކަން ޑެޕިއުޓީ މިނިސްޓަރ ލަހުފާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ރާއްޖެއިން ލިބެން ނުހުންނަ ބޭސް ބޭސް ފޯރުކޮށްދިނުމުގައި އެސް.ޓީ.އޯ މެޑިކަލްސްއާއެކު މަސައްކަތް ކުރެވެމުންދާ ކަމަށާއި، ގިނަ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދެވިފައިވާކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އެއާއެކު ލަހުފާ ވިދާޅުވީ، ޞިއްޙީ މައްސަލަތަކަށް ދެމެހެއްޓެނިވި ދާއިމީ ހައްލުތަކެއް ހޯދުމަށް ހެލްތު މިނިސްޓްރީއާއެކު މަޝްވަރާތައް ކުރެވި، މަސައްކަތްތަކެއް ފެށިފައިވާއިރު، އެ މަސައްކަތްތަކާއެކު އެދެވޭ ރަނގަޅު ނަތީޖާތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.