ސަރުކާރުގެ ހާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި، މިހާރު ވެސް ގެންގުޅުއްވާ ސިޔާސަތަކީ މެނިފެސްޓޯގައި ހާމަ ކުރި ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމަށްފަހުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރައްވާނީ ދިވެހިރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ހިމާޔަތް ކުރެވޭ ގޮތަށް ކަމަށެވެ. އަދި އެކަމަށް އެއްބާރުލުން ދޭ ހުރިހާ ގައުމުތަކާއެކުގައި ވެސް ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް ކުރިން ވެސް ވިދާޅުވެފައިވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އިންޑިއާ އަކީ ރާއްޖޭގެ އެންމެ ގާތް އެއް ރަހްމަތްތެރިޔާކަން ފާހަގަކުރައްވައި، އެ ގައުމާ ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ރާއްޖެ އާއި އިންޑިއާ އަދި މި ސަރަހައްދަށް ވެސް ފައިދާވާ ކަމަށް ރައީީސް މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީން އިދިކޮޅުގައި ތިބެ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގި ހަރަކާތާ ގުޅޭގޮތުން މައާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ދެކެވަޑައިގަންނަވަންތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ރައީީސް ވިދާޅުވީ، ރައްޔިތުން އެދުނީ އިންޑިއާ ސިފައިން ބާލަން ކަމަށާއި، އިންޑިއާއާ އޮންނަ ގާތް ގުޅުމުގެ ތެރެއިން، މަޝްވަރާ ކުރެވިގެން ރައްޔިތުން އެދުނު ކަންތައް މިހާރު ހާސިލުކުރެވިފައިވާ ކަމަށެވެ.

އަދި މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމެއް ނެތްކަމަށާއި، ރައްޔިތުން ބަލައިގަތީ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބާލަން ވެވަޑައިގެންނެވި ވައުދު ހިމެނޭ މެނިފެސްޓޯ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލާފައިވާއިރު، އެއީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ވައުދުފުޅެވެ.

މިނިވަންކަމުގެ ރަތްރޮނގު، ފަލަކޮށް ދެމުމަކީ ރައީީސްގެ ވައުދުފުޅެކެވެ.

ހުވާ ކުރެއްވުމަށްފަހު ދެއްވެވި ފުރަތަމަ ތަގުރީރުގައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ ދިވެއްސެއް ކަމަށާއި ދިވެހި ރައްޔިތުން އަބަދުވެސް އަންނާނީ ލިސްޓުގެ އެއްވަނަ އަށް ކަމަށްވާއިރު އެހެން ގައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް ކަމަށެވެ.

އަދި ގައުމުތަކާ ރަހުމަތްތެރިވާނެ ކަމަށާއި ހަތުރުވެރިކަމާއި ހަސަދަވެރިކަން ނުބާއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.