ލޭނުގައި ޖެހި މަރުވާ މިޔަރު ޕްރޮސެސްކޮށް، ބޭރުކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއާއެކު ލޭނުގައި ޖެހި މަރުވާ މިޔަރު ޕްރޮސެސްކޮށް، ބޭރުކުރުމުގެ ހުއްދަ ދިނުމަށް ލޭނު މަސްވެރިކަން ކުރުމާ ބެހޭ ގަވާއިދުގައި ވަނީ ހިމަނައިފައެވެ.

ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލޭނު މަސްވެރިކަމަށް ލައިސަންސް ދޫކުރާ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށެވެ.

އަދި ގަވާއިދު ފަރުމާކުރުމުގައި ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ފަދަ މަސްވެރިކަމުގައި ހިފޭ ބައިކެޗް މަދުކުރުމުގެ ގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ހިމަނާފައިވާނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި މި ހުއްދަ ދޭން ނިންމީ ފާއިތުވެދިޔަ އަހަރުތަކުގައި ލޭނުގެ މަސްވެރިކަމުން ލިބުނު ތަޖުރިބާއަށް ބެލުމަށްފަހު ކަމަށެވެ.

ލޭނުގެ މަސްވެރިކަމަކީ ދިވެހިންނަށް ފައިދާހުރި އަދި ގާނޫނާއި ގަވާއިދާ އެއްގޮތަށް ކުރާ މަސްވެރިކަމެއްކަން ކަށަވަރުކުރުމަށް ހާއްސަ މައްދާތާކެއް ހިމަނައިފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެގޮތުން ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަދޭ އުޅަނދުތަކުގައި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކޮންމެހެން ހުންނަންޖެހޭ ހަމަތަކެއް ގަވާއިދުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ މާޗު މަހުއެވެ.

ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ސަރަހައްދެއް ކަމަށް ކަނޑައަޅައިފައިވަނީ ފިޝަރީޒް މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތާއި ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް ކަންނެލީގެ އަތު ނަނުގެ މަސްވެރިން އާއްމުކޮށް ހަރަކާތްތެރިވާ ސަރަހައްދުން ބޭރުގެ ސަރަހައްދެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.