ގާލްގައިޑް ހަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިވަރުންތަކެއް ބިނާވެގެންދިއުމަކީ ގައުމަށް ވަރަށް ބޭނުންތެރިކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަނުން ބައިވެރިވާ ގައިޑު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިން އަދި ލީޑަރުންނާއި ބައްދަލުކުރެއްވުމަށް ރޭ ސަލާޙުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެކަމަނާގެ ވާހަކަފުޅުގައި ގަރލްގައިޑް ހަރަކާތުގައި ބައިވެރިވެ ގިނަ އަންހެން ދަރިންތަކެއް ބިނާވެގެން ދިއުމުގެ ފައިދާ ޢާއިލާތަކާއި މުޖުތަމަޢަށް އަދި މުޅި ގައުމަށްވެސް ކުރާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ކޭމްޕަކީ އެކި ޤައުމުތަކުން ބައިވެރިވާ ބައިނަލްއަގްވާމީ ހަރަކާތެއްކަން ފާހަގަކުރައްވައި މި ކޭމްޕްގެ ތެރެއިން ގައުމު ފުރިހަމައަށް ތަމްޞީލުކޮށްދީ އަދި އެ ދަރިވަރުންނަކީ މުސްލިމުންކަމާއި ފަޚުރުވެރި ދިވެހި ދަރީންކަން ކުރާ ހުރިހާކަމެއްގައި ސާބިތުކޮށްދެއްވުމަށް ކޭމްޕްގެ ބައިވެރިންގެ ކިބައިން އެކަމަނާ އެދިވަޑައިގެންނެވިއެވެ.

ސްރީލަންކާގެ ކުރުނެގަލާގައި ބާއްވާ ސިލޯނާ 2024 އިންޓަރނޭޝަނަލް ކޭމްޕްގައި ރާއްޖޭގެ 38 ސްކޫލަކުން 305 ގާރލްގައިޑުންނާ، 32 އެޑަލްޓް ލީޑަރުން ބައިވެރިވެއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޭމްޕުގައި ބައިވެރިވާ ރާއްޖޭގެ ކޮންޓިންޖެންޓުގެ އިސްވެރިޔާއަށް ޤައުމީ ދިދަ ހަވާލުކޮށްދެއްވާފައެވެ.