ވައިބާ އެކައުންޓުތައް ހެކްކޮށްގެން މީހުންގެ އަތުން ފައިސާ ހޯދައި، ސްކޭމްތައް ހިންގަމުންދާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ ވައިބާ އެކައުންޓުތައް ހެކްކޮށްގެން އާއިލާ މީހުންނަށް ގުޅައިގެންނާއި މެސެޖުކޮށްގެން ފައިސާ ހޯދަމުންދާ ކަމުގެ ރިޕޯޓްތައް ފުލުހުންނަށާއި ރަށްރަށުގައި ގާއިމުކުރެވިފައިވާ ސްކޭމް ސެންޓަރުތަކަށް ލިބެމުންދާ ކަމަށެވެ.
ސްކޭމުގެ ގިނަ މައްސަލަތައް ރާއްޖޭގައި ގިނަވަމުންދާތީ ފުލުހުން ދަނީ އެކަމަށް ސަމާލުވެ ތިބުމަށް އަންގާ ރައްޔިތުން ހޭލުންތެރި ކުރުމަށް މައުލޫމާތު ފޯރުކޮށްދެމުންނެވެ.
އެގޮތުން ފޯނަށް ލިބޭ އޯޓީޕީ އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށާއި ފައިސާ ފޮނުވުމުގައި ވެސް ވެރިފަރާތް ވެރިފައި ކުރުމަށްފަހު ނޫނީ ފައިސާ ނުފޮނުވުމަށް ވަނީ އެދިފައެވެ.
އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަމްބަރު 119 ނުވަތަ 3322111 އަށް ގުޅުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

