ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ދެން ދުވަހަކު ވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިނުގެންނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ”ދެން“ގެ ޕޮޑްކާސްޓް، ”ހަވާސާއިން ބޭރުން“ގައި ވާހަކަ ދައްކަވަމުންނެވެ.
ފައިސަލް ވިދާޅުވާ ގޮތުން ޔާމީނަށް ދެން ދުވަހަކުވެސް ވެރިކަމަށް ވަޑައިނުގެންނެވޭނެއެވެ.
ނަޝީދު އެމްޑީޕީ ދޫކުރައްވާ ވަޑައިގެން, އާ ސިޔާސީ ޕާޓީއެއް އުފެދެވުމުން ތާއީދު މުޅިން ފަނޑުވެ ސިޔާސީ މައިދާނުން އެކަހެރިވެގެން ދިޔަ ހާދިސާއިން މިސާލު ނަންގަވައި ފައިސަލް ވިދާޅުވީ ނަޝީދަކީ ރާއްޖެ ދުށް އެންމެ ވަރުގަދަ ސިޔާސީ އެއް ލީޑަރު ކަމަށެވެ.
އެހެންކަމުން ޔާމީނަށް ޖެހިވަޑައިގަންނަވާނީ އެއަށްވުރެއް ދެރަ ހާލެއްކަމަށް ފައިސަލް ވިދާޅުވިއެވެ.
ރައީީސް ޔާމީންގެ ޕާޓީ، ޕީއެންއެފްގެ އެންމެ ބޮޑު ބޭނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުއާއި އަބްދުއްރަހީމް އާއި ދެމެދު ދެކޮޅުވެރިކަމެއް އުފެއްދުންކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ އެކަން ދުވަހަކުވެސް ނުވާނެ ކަމަށާއި، ހުދު ފައިސަލް އިސްވެ ހުންނަވައި، އެކަން ވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
2028 ވަނަ އަހަރު ރައީސަކު ދެވަނަ ދައުރަކަށް ވާދަކުރައްވައި އިންތިހާބެއް ކާމިޔާބު ކުރައްވާކަމުގައި ވަނީނަމަ އެކަން ކުރައްވާނީ ރައީސް މުއިއްޒު ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. އެއީ ދިވެހިންނަށްޓަކައި ދިވެހިންގެ ވެރިކަމެއް ކޮށްދެއްވާ ރައީސަކީ އެމަނިކުފާނަށް ވާތީއެވެ.
ރައީސް ޔާމީން މި ރާއްޖެއަށް ގެނަސްދެއްވި ތަރައްގީގެ ދެގުނަ ތަރައްގީ ރައީސް މުއިއްޒު ގެންނަވާނެކަމަށް ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓަރު ފައިސަލް ވަނީ ކުރިން ރައީީސް ޔާމީނާ އެންމެ އަރިހުގައި ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ތައުލީމުގެ ފެންވަރެއް ނެތް ކަމަށް ޔާމީން ވިދާޅުވިއިރު، އަބްދުއްރަހީމް ސިޔާސީ އަޅު މަސައްކަތް ކުރެއްވިއިރު، އެކަން މައްސަލައަކަށް ނުވާ ކަމުގައި ވިދާޅުވެފައެވެ.

