ތަފާތުކުރުމެއް ނެތި ކޮންމެ ދަރިވަރަކަށް ވެސް ޑިިޖިޓަލް ކުރިއެރުންތަކުގެ ފައިދާ ލިއްބައިދޭންޖެހޭކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ބެއިޖިން ނޯމަލް ޔުނިވާސިޓީ އާއި ޔުނެސްކޯއިން އިންތިޒާމްކޮށްގެން ޗައިނާގައި ބާއްވާ ގްލޯބަލް ސްމާޓް އެޑިޔުކޭޝަން ކޮންފަރެންސް 2024 ގެ އިފްތިތާހީ ރަސްމިއްޔާތާއި، ޕްލެނަރީ ސެޝަންގައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މަތީ ފެންވަރުގެ މި ޑައިލޮގް ސެޝަންގައި، މިނިސްޓަރު ވާހަކަދެއްކެވީ މަތީ ތަޢުލީމުގެ މުސްތަޤްބަލާ ބެހޭ ގޮތުންނެވެ.

އެގޮތުން މިނިސްޓަރު ވާހަކަދައްކަވާފައިވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ޑިޖިޓަލައިޒްކޮށް، އާ ގޮތްތައް ތަޢާރަފްކޮށް، ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނެވެ.

މިނިސްޓަރުގެ ވާހަކައިގައި، ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމެއްކަމުން ކުރިމަތިވާ ހާއްސަ ގޮންޖެހުންތައް ހުރި ނަމަވެސް، ދަރިވަރުންނާއި މުދައްރިސުން މުސްތަގްބަލަށް ތައްޔާރުކުރުމަށް ޓަކައި އޭއައި އާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ރާއްޖެއިން އިސްކަންދޭކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭއައި ހޭލުންތެރިކަމާއި، އަހްލާގީ ސިޔާސަތުތަކާއިއެކު ވަރުގަދަ ޑިޖިޓަލް އިންފްރާސްޓްރަކްޗައެއް ގުޅުވާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަދި އަވަސް ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ދަރިވަރުންނާއި މުދައްރިސުންނަށް ތައްޔާރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.