ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 12 ވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، މި އަހަރުގެ އޯގަސްޓު މަހުގެ 7 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 25 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުން ގާނޫނަށް ގެނެވުނު މައިގަނޑު އިސްލާހުތަކުގެ ތެރޭގައި އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމާއި، ރަށު ކައުންސިލުގެ މެންބަރުންނާއި، ސިޓީ ކައުންސިލުގެ މެންބަރުންގެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބޭއްވުމުގައި އެ މަގާމެއް ހުސްވާތާ 14 ދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގަވައި، އަދި މި އެންގެވުން އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި، ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަންވާނެ ކަމުގައި ވަނީ ކަނޑައަޅުއްވައިފައެވެ.
އެހެންނަމަވެސް، އެ މަގާމުތައް ހުސްވިއިރު އެ ކައުންސިލުގެ އުމުރުގެ ބާކީ އޮތީ، 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، އެ ހުސްވި މަގާމަކަށް މެންބަރަކު އިންތިހާބުކުރުން ލާޒިމުނޫންކަމުގައި ބާޔާންކޮށްފައިވެއެވެ.
އަދި އަތޮޅު ކައުންސިލުގެ ނައިބުރައީސާއި، ރަށު ކައުންސިލްގެ ނައިބުރައީސާއި، ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ ގޮނޑި ހުސްވެއްޖެނަމަ، ޢަމަލުކުރަންވާނެގޮތަށް ގެނެވުނު އިސްލާހުތައްވެސް މި ބިލުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން އެފަދަ މެންބަރެއްގެ މަގާމެއް ހުސްވެއްޖެނަމަ، އެ މަގާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި ޤާނޫނުގައި މިހާރުވެސް ބަޔާންކޮށްފައިވާގޮތުގެމަތީން އެ މަގާމަށް މެންބަރަކު އިންތިހާބުކުރުމަށް ބަޔާންކޮށްފައިވެއެވެ.
އޭގެ އިތުރުން، ކައުންސިލުގެ މެންބަރެއްގެ މަޤާމު ހުސްވުމުގެ ސަބަބުން ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކައުންސިލުގައި މެންބަރުން ނެތް ހާލަތެއްގައި، އެފަދައިން މެންބަރެއްގެ ގޮނޑި ހުސްވެއްޖެކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވައި މެންބަރުން އިންތިޚާބު ކުރުމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

