ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މަގާމުގެ ހައިސިއްޔަތުން ކުރައްވަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަންނަވައިފިއެވެ.

އަބްދުއްރަހީމް ޗައިނާއަށް ވަޑައިގަންނަވާފައިވަނީ އެ ގައުމުގެ ބެއިޖިންގް ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”2024 އިންޓާ ރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް“ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

މި ދަތުރުފުޅަކީ މި ހިނގާ އޮގަސްޓުމަހުގެ 18 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާއި ހަމައަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

އަބްދުއްރަހީމްގެ މި ދަތުރުފުޅުގައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުވެސް ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ވެސް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުން އަމީން އާންމު ފާތިމަތު ނިޔުޝާ ވެސް ބައިވެރިވެވަޑައިގަންނަވައެވެ.