ތަރައްގީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމައުއެއް ބިނާކުރުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ”ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024“ ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށާއި އަދި ހަމަ އެހެންމެ ޕްރޮފެޝަނަލް ނިންމުންތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ތައުލީމީ ފަރާތްތަކާއި ދިރާސާކުރާ ފަރާތްތަކާއި ޕޮލިސީ ނިންމުންތައް ނިންމާ ފަރާތްތަކާއި ޕްރައިވެޓް ސެކްޓަރާއި އަދި ޢާންމު ފަރާތްތަކުންވެސް އެކުގައި ގުޅިގެން މިމަގަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ރާއްޖޭގެ ތަރައްގީގެ މޮޑެލް މި މުޖުތަމަޢަށް ފެތޭތޯ ބެލުމާއި މުސްތަގުބަލުގެ ތަސައްވުރާއި ދިރާސާކުރުމުގެ ނިޒާމު ކުރިއެރުވުމާއެކު ރާއްޖޭގެ އަމިއްލަ ދިރާސާތައް ކުރިއެރުވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ހަމަ އެހެންމެ ދިރާސާކުރުމުގެ ބިންގަލުގެ މައްޗަށް ބިނާވެފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ގައުމީ ރިސާޗް ކައުންސިލެއް އުފެއްދުމަށް ކުރެވޭ މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން ރިސާޗް ކުރިއެރުވުމަށް ދެއްވާ އިސްކަން ފާހަގަ ކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ދިރާސާކުރުން ކުރިއެރުވުމާއި އެކަމަށް އެއްބާރުލުންދިނުމާއި އަދި ސުވާލުކުރުމަށާއި ޢިލްމު ހޯދުމަށާއި ގައުމު ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
އަދި އެކުގައި މަސައްކަތްކޮށް، ބަދަލުވަމުންދާ ދުނިޔޭގައި ރާއްޖެއަށް އީޖާދީގޮތެއްގައި ފާގަތިކަމާއެކު ކުރިއަރައި ދެވޭނެކަމަށް ދެކެވަޑައިގަންނަވާކަމުގައި ވެސް އެމަނިކުފާނު ވިދާޅިވިއެވެ.
މިއީ ގައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވާ 7 ވަނަ ފަހަރެވެ. މި އަހަރުގެ މި މަހާސިންތާ ކުރިޔަށްދަނީ މި އޮގަސްޓްމަގުގެ 19އިން 20 އަށެވެ. މި އަހަރުގެ މަހާސިންތާގެ ތީމަކީ ”ބްރިޖިންގ ބައުންޑަރީސް: އެކްސްޕްލޯރިންގ ސިނާޖީސް އެކްރޮސް ރިސާޗް ޑިސިޕްލިންސް“ އެވެ.

