ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު، ފައިސަލް ބިން ފަރްހާން އަލް-ސައުދާ  ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ރިޔާދުގައެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއަށް ފޮނުއްވެވި ސިޓީފުޅު އެމަނިކުފާނަށް ރައްދުކުރެއްވުމަށްޓަކައި ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރުގެ އަތްޕުޅަށް އަރުއްވާފައެވެ.

މި ސިޓީއާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރައްވައެވެ.

ފޮރިން މިނިސްޓަރު ޒަމީރާއި، ފައިސަލް ބިން ފަރްހާންގެ ބައްދަލުކުރެއްވުމުގައި ވަނީ، ދެ ގައުމުގެ ދެމެދުގައިވާ އިގްތިސާދީ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފައެވެ.