ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ޕީއެސްއެމުން ކުރިއަށް ގެންދިޔަ ”ފަލަސްތީނާއެކު ދިވެހީން“ ޓެލެތޯނަށް ލިބުނު ހުރިހާ ފައިސާއެއް، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް، އަންރުއާގެ އެކައުންޓަށް ދިވެހި ސަރުކާރުން ޖަމާކޮށްދީފިއެވެ.
ޕީއެސްއެމުން އިންތިޒާމުކޮށްގެން މިދިޔަ މެއި މަހުގެ 12 ވަނަ ދުވަހު ކުރިއަށްގެންދިޔަ ޓެލެތޯނަށް 19،309،468.0.2 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ފައިސާ ޖަމާ ކުރީ ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭ މެދުވެރިކޮށް، ސީދާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ)ގެ އެކައުންޓަށް ކަމަށެވެ.
ޓެލެތޯންގެ ކާމިޔާބީއާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯން ކާމިޔާބުކަމާއެކީ ކުރިއަށް ގެންދެވުނީ ވަރަށް ގިނަބައެއްގެ އެހީތެރިކަމާއެކުކަމަށެވެ.
ފަލަސްތީނަށް އެހީތެރިވުމަށް ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކަށް ދިވެހީންގެ ފަރާތުން އަބަދުވެސް ހޫނު ތަރުހީބެއް ލިބިގެންދެއެވެ.

