ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުންވެފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ(އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިއްޔެ 14:00 އާ ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބިފައިވާތީ، އެސެސްމަންޓް ފޯމު އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން 3 ރަށެއްގެ ދަނޑުބިންތަކަށްވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާކަންވެސް ރިޕޯޓްކޮށްފައިވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.
”3 ރަށެއްގެ ދަނޑުބިންތަކަށްވެސް ބޮޑެތި ގެއްލުން ލިބުން. މިހާރު ކުރެވެމުންދަނީ މިފޯމްތަކުގެ ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް“ އެ އޮތޯރިޓީން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައިވެއެވެ.
މެޓް އޮފީހުން މިއަދު ވެސް ވަނީ ވާރޭވެހޭނެ ކަމަށް ލަފާކޮށް، އިރުއޮއްސި 6:00އާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ.

