މާލޭގައި ބުޅާ މަހުން ކާނާ ތައްޔާރުކޮށް ވިއްކި ކަމަށް ބުނާ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ބަންގްލަދޭޝްގެ އަރަފާތު ހޮސެއިން، 32، ހައްޔަރުކުރީ ހޯދަން އިއުލާނުކުރުމުން ފިލައިގެން އުޅެނިކޮށެވެ.
މާލޭގައި ބޯކޮށާ ހިދުމަތްދޭ ތަނެއްގައި ހުއްޓާ އަރަފާތު ހައްޔަރުކުރީ ސިފަ ބަދަލު ކުރަންވެގެން ބޯ ބާލަން ގޮސް ހުއްޓާ ކަމަށްވެއެވެ.

ފުލުހުން ބުނީ އަރަފާތު އިއްޔެ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި އެކަމަކު ތުހުމަތުކުރެވޭ މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

އޭނާ އަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ މީހެއް ކަމަށްވެއެވެ.

ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ކަމަށް ބުނާ މީހާއާ ގުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ހަލުވި ކަމާއި އެކީ ދައުރުވަމުން އަންނައިރު، އެ ވީޑިއޯގައި ބުނަނީ އެ މީހާއަކީ ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށްގެން ރަޖިސްޓްރީ ކުރުމެއް ނެތި ވިޔަފާރި ކުރަމުންދާ ބިދޭސީއެއް ކަމަށެވެ.