ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މަޤްޞަދަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސްޓެލްކޯގެ ޤާބިލުކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވުމަށް މަގުފަހިކުރުމެވެ.
މި އެއްބަސްވުމުގެ ދަށުން، ސްޓެލްކޯގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެކަށީގެންވާ ގޮތެއްގައި ކަންކަން ބެލެހެއްޓުމަށް މަސައްކަތްކުރެވޭނެއެވެ.
އަދި ވިޔަފާރި މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބާރުއެޅުމަކީ އެންޑީއެމްއޭގެ ދެމެހެއްޓެނިވި މަސައްކަތްތަކުގެ މުހިންމު ބައެއްކަމުގައި ބަޔާންކޮށްފައިވެއެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ފަހުމީ، ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އިސްކަންދެއްވާފައިވާކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރައްވައިފައިވެއެވެ.
މިކަމުގެ ސަބަބުން، އެއްވެސް ދަތި އުނދަގޫ ކަމެއް ދިމާވި ނަމަވެސް، ސްޓެލްކޯއިން ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެކަން ކަށަވަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

