އިސްލާމް ދީނާ ހިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ ވަޒީފާ ދިނުމުގައި އެއްވެސް ތަފާތެއް ކޮށްގެން ނުވާނެ ކަމަށާއި މޫނު ބުރުގާ އަޅާ މީހުންނަށް ވަޒީފާ ނުލިބޭ އުސޫލެއް ނޫނީ ގަވައިދެއް އޮތް ނަމަ، އެ ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާތީ އޭނާ އަށް ވަޒީފާ ނުދިން މައްސަލައާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ އިސްލާމްދީނާ ހިލާފު ނުވާ ގޮތަށް ހެދުން އަޅާނަމަ، އެމީހަކު އަޅާފައި ހުންނަ ހެދުމެއްގެ ސަބަބުން ވަޒީފާ ދިނުމުގައި އަދި ވަޒީފާ އަދާކުރުމުގައި އެއްވެސް ތަފާތެއް ކޮށްގެންނުވާނެ ކަމަށެވެ.

އެ ތަފާތުކުރުން ގެނުވާ ގޮތަށް ކުރީގައި ހަދާ އަދިވެސް އަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ވިދާޅުވިއެވެ.

”އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި.“ ރައީސް ވިދާޅުވިއެވެ.

މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެ އަންހެން މީހާ ކުރިމަތިލީ ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމަށެވެ. އޭނާ އަށް ވަޒީފާ ނުދޭން ނިންމި ކަމަށް ބުނާ އީމެއިލް މީސް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ.

ކޯޓުން ފޮނުވި އީމެއިލްގައި ބުނެފައި ވަނީ އެ މަގާމަށް ކުރިމަތިލީ މީހުންގެ މައުލޫމާތު އެ ކޯޓުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ ހިއްސާކުރުމުން، އޭނާ އެ މަގާމަށް ޝަރުތު ހަމަނުވާ ކަމަށް އެ ޑިޕާޓްމަންޓުން ކޯޓަށް އަންގާފައިވާ ކަމަށެވެ.