ގދ. ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާ މައްސަލަ ފެންމަތިވެއްޖެއެވެ.

އެރަށުު ކައުންސިލުން ވަނީ އެ މައްސަލަ ބޮޑުވެ އެކަން ނުކުރުމަށް އަންގާފައެވެ.

ގައްދޫ ކައުންސިލުން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާ މައްސަލަ ކައުންސިލަށް ފާހަގަވެފައިވާ ކަމަށާއި، ރަށުގެ ބޭރު މަގާއި ރަށުގެ އެކި ދިމަ ދިމާލުން މަރުވެފައިވާ ބުޅަލާއި ކާޅުތައް މިދިޔަ ހަފްތާގައި ފެނިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އާންމުންނަށް އުނދަގޫވާތީ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ގައްދޫ ކައުންސިލުން ބުނީ މި ދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް ވިއްސާރަ ދުވަސްވަރަކަށް ވެފައި އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމުގެ ބިރު އޮތުމުން އެކަން އެގޮތަށް ނުކުރުމަށް އާންމުންނަށް އިލްތިމާސްކުރާ ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު މާލޭގައި ބަންގްލަދޭޝް މީހަކު މާލޭގައި ބުޅާ ހިފައިގެން، ކެއްކި ކަމަށް ބެލެވޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އޭނާ ހައްޔަރުކޮށް، މިހާރު ވަނީ އިމިގްރޭޝަނާ ހަވާލު ކޮށްފައެވެ.