މާލޭގައި އުޅޭ ބިދޭސީއަކު ބުޅާމަހުން ކާތަކެތި ތައްޔާރުކުރިކަން އަދި ޔަގީންވެފައި ނުވާކަމަށް ހެލްތު މިނިސްޓަރު ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ބުޅާމަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކުރި ކަމުގެ ތުހުމަތުގައި މާލެއިން ދާދި ފަހުން ވަނީ ބިދޭސީއަކު ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރި މީހާ އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަރަފާތު ހުސައިންއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަލީލު ވިދާޅުވީ އެ މައްސަލަ ކަމާ ބެހޭ އިދާރާތަކުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް ކާތަކެތި ތައްޔާރުކުރުމުގައި ބުޅާ މަސް ބޭނުންކުރިކަން އަދި އެނގިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

”އެގޮތަށް ބުޅާމަސް ބޭނުންކުރި ކަމެއް އަދި އެނގިފައެއް ނެތް. އަދި ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައެއް ހުރީ. އެހެންވީމާ އަދި އަޅުގަނޑުމެންނަކަށް ކަށަވަރެއް ނުވޭ. އެކަމަކު އެކަމާ ގުޅޭ ތަހުލީލުތައް އެބަ ކުރަން.“ ހަލީލު ވިދާޅުވިއެވެ.

މިނިސްޓަރު ހަލީލު ވަނީ ރައްޔިތުންނަށް ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ފަސްޖެހި ދޫކޮށްލާނެ ކަމެއް ނޫން ކަމަށާއި ގާނޫނުގެ ތެރެއިން އަދަބު ކަނޑައެޅިފައިވާ ގޮތަށް ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހުނު ކޮންމެ ފިވަޔަޅެއް އަޅުއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.