ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ހުންނެވި މުހުތާޒް މުހުސިން ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފިއެވެ.

އޭނާ އަކީ ކުރިން ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.
މުހުތާޒު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކުރެއްވިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވަނީ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވައިފައެވެ.

ނަމަވެސް ބަދަލު ކުރެއްވީ ކޮންއިރަކު ކަމެއް ވިދާޅެއް ނުވެއެވެ.

މުހުތާޒު ފޮރިން މިނިސްޓްރީއަށް ބަދަލު ކުރެއްވުމާ ގުޅިގެން، އޭނާ ބޭނުން ކުރައްވާ އެކްސް އެކައުންޓުގެ ބަޔޯ ގައި ވެސް މިހާރު ލިޔުއްވާފައި ވަނީ ”ފޯމާ ކްރިމިނަލް ޖަސްޓިސް އެޑްވައިޒާ އެޓް ޕްރެސިޑެންސީއެމްވީ“ ކަމަށެވެ.

ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް މުހުތާޒު އައްޔަން ކުރެއްވީ މި އަހަރުގެ ޖެނުއަރީ މަހުއެވެ.