ރާއްޖޭގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓާލާފައިވަނީ އިދިކޮޅު އެމްޑީޕީން ކަމަށް އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ މައި ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި އެކަން ހުއްޓާލަން ޖެހޭ ކަމަށް ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވުމާއި ގުޅިގެންނެވެ.

ފައްޔާޒު އެގޮތަށް ވިދާޅުވެފައިވަނީ އެބޭންކުގެ ބޯޑު މެމްބަރު ކަމުން، ބޭންކުގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ވަކިކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

ފައްޔާޒަށް އެކްސްގައި ރައްދު ދެއްވަމުން ސައީދު ވިދާޅުވީ 100 އަހަރާއި ނުބައްދަލު ދަރަނި ނަގައި އަޑި ނޭނގޭ ފުންމިނަށް އިގްތިސާދު ވައްޓައިލި ފަސް އަހަރުގެ މިނިސްޓަރު އެވާހަކަ ދެއްކުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

އަދި އެމްޑީޕީން މުޅި ނިޒާމު އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓާލާފައިވާ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

”ވަކި މީހަކަށްވުރެ ގައުމުގެ މަސްލަހަތު މާ މުހިންމު.“ މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ރާއްޖެ ވަރަށް ބޮޑަށް ދަރަނިވެރިކޮށްލުމުގެ ސަބަބުން، ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓިގެންދިޔަކަން ސަރުކާރުގެ އިސް ބޭފުޅުން މިހާރު ވެސް ދަނީ ފާހަގަކުރައްވަމުންނެވެ.