ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްކޮށް ރުފިޔާ ކާޑަށް ޑޮލަރު ދިނުން ހުއްޓާލަން ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމަށެވެ.

މިއަދު ބީއެމްއެލް އިން ގެނައި ބަދަލުތަކަށް މިހާރުން ފެށިގެން އަމަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބޭންކުގެ ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގެ މުއާމަލާތްތައް މިހާރު ކުރެވެނީ 250 ޑޮލަރާ ހަމައަށެވެ.

އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ބޭނުން ކުރެވެނީ މަހަކަށް 750 ޑޮލަރެވެ.

ބީއެމްއެލްއިން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެއެވެ.

މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ އެކާޑުތަކަށް ވެސް ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެއެވެ.

އަދި މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ވަނީ ދަށް ކޮށްފައެވެ.

މި ބަދަލާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އެންޑް މެނޭޖިންގ ޑައިރެކްޓަރ، ކާރލް ސްޓުމްކަ ވިދާޅުވީ މިވޭތުވެ ދިޔަ އަހަރެއްހާ ދުވަހު ބޭންކުން އައީ ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތަކުގެ އަދަދު ނުހަނު ގާތުން ބަލަމުން ކަމަށާއި ތަކުރާރުކޮށް ދަންނަވާފައިވާ ފަދައިން ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއެކެވެ.

އޭނާ އިތުރަށް ވިދާޅުވީ ބޭންކުން މިއަދު ގެނެވުނު ބަދަލަކީ ކަސްޓަމަރުންނަށް ނުހަނު ބޮޑު އަސަރެއްކުރާނެ ބަދަލެއްކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް މިއީ އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރުފައިސާ މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް ކަމަށެވެ.