މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅުއްވައިފިއެވެ.
މިކަން އިއުލާނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައެވެ.
ރައީސް އޮފީހުން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތާ ގުޅިގެން 5 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ހަމަޖައްސަވައިފައިވާ ކަމަށެވެ.
ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ.
މިދުވަސް ފާހަގަކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާ ކުރުމުގެ ގޮތުންނެވެ.

