ރިހާކުރު ޓައްޕުތަކެއް ވަގަށްނަގައިގެން ވިއްކާލި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު ނޯތު ހާބަރުގައި އޮތް ބޯޓަކުން ރިހާކުރު ޓައްޕުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެތަކެތި ހޯދުމަށްޓަކައި ސީސީޓީވީ ފުޓޭޖް ބަލައިގެން ފުލުހުން ކުރި މަސައްކަތުން ރިހާކުރު ޓައްޕުތައް ހޯދާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެތަކެތި ހޯދާފައި ވަނީ އެހެން މީހަކަށް އެޓައްޕުތައް ވިއްކާލުމަށްފަހު ގެއެއްގެ ތެރޭ ފޮރުވާފައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ވަގަށް ނަގާފައިވާ ރިހާކުރު ޓައްޕުތަކުގެ ވެރިފަރާތާއި ހަވާލާދީ ފުލުހުންބުނެފައިވާ ގޮތުގައި އެ ޓައްޕުތަކުގެ އަގު 50،000 ރުފިޔާއަށް އަރާނެއެވެ.

މިމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ވަނީ މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައެވެ.