އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގައި ވަކި ސެކްޝަނެއް ހަދައިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އައިޝަތު ޒުހުރުބާން ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރު ޒުހުރުބާން މިފަދައިން ވިދާޅުވެފައި ވަނީ ފާއިތުވި 9 މަސް ދުވަހު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހާސިލްކޮށްފައިވާ މުހިންމު ކާމިޔާބީތަކާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރެވެމުން އަންނަ މުހިންމު މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރައްވަމުން ސްޓޭޓް މިނިސްޓަރ ޒުހުރުބާން ވިދާޅުވީ އެ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއެކު ފަހުނާމާއެއްގެ ދަށުން މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި ހިލްޓަން ރިސޯޓް އިން މޯލްޑިވްސް، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު ފަހުމު ނާމާއެއްގައި ސޮއިކުރެވި އިންޓާންޝިޕް ފުރުސަތުތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހޯދައިދެވިފައިވާކަން ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލެވި އެ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމާއި، ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން ވަޒީފާއަށް އެދޭ ފަރާތްތަކުގެ އެސެސްމެންޓު ހެދުމާއި، އެ ފަރާތްތަކަށް ޚާއްސަ އެކި ކޯސްތައް ހިންގުމުގެ މަސައްކަތް ވެސް އެ ސެކަޝަނުން ކުރަމުންދާކަން ސްޓޭޓް މިނިސްޓަރު ޒުހުރުބާން ފާހަގަކުރެއްވިއެވެ.

އެކަމަނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަހިކޮށްދެވޭ މިފަދަ ފުރުސަތުތަކާއި އެކު އެ ފަރާތްތަކަކީ އަބުރުވެރިކަމާއެކު އެހެން އާއިލާތަކެކެވޭ ވެސް އެއްގޮތަށް ދިރިއުޅެވޭނެ ބައަކަށް ހެދިދާނެ ކަމަށެވެ. އަދި އޯގާތެރި މުޖުތަމައަކަށް މި މުޖުތަމައު ހެދޭނީ އެފަދަ ފަރާތްތަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދެވިގެން ކަމަށް ސްޓޭޓް މިނިސްޓަރ ޒުހުރުބާން ވަނީ ވިދާޅުވެފައެވެ.