ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އެ ބޭންކުން ކަނޑައެޅުމާއެކު، ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ފުލުހުންގެ ހިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑްތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭ ގޮތަށް އަލުން އެ ބޭންކުން ވަނީ ހަދައިފައެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި ސަރުކާރަށް ވާރުތަވި ދަރަނި އެއީ ހުއްޖަތަކަށް ހެދުމަށްފަހު، ރާއްޖެއިން ބޭރުގައި ތިބޭ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ނުލިބުމާއި ކުދި ވިޔަފާރިތަކަށް ދަތިވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި ބީއެމްއެލް އިން އަމަލު ކުރީ ސީދާ ރައީސް އެ ކަމުގައި އެގޮތަށް އަމަލުނުކުރަން އަންގަވާފައި އޮއްވައި ކަމަށެވެ.
އަދި އޮންލައިން ޓްރާންސެކްޝަން ހަދާ ދިވެހިންނަށް ލިމިޓެއް ކަނޑައެޅުމަކީ ވެސް ރައީސް ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ބޭންކުގެ ނިންމުމާއެކު އެމްޑީޕީން ވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ނެރުއްވައި ޕްރެސް ކޮންފަރެންސް ބާއްވަވައި، ހަމަ އެ ދަނޑިވަޅުގައި މީސްމީޑިއާގައި ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުތުމަށް ގޮވާލައި އަޑު އުފުލައިފައެވެ.

