ރާއްޖޭން ބޭރު ފައިސާ ލިބޭ މީހުން ބޭންކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އެމްއެމްއޭގެ ރެގިއުލޭޝަނަށް ބަދަލުގެނައުމަށް ނިންމާފައި ވާކަމަށާއި އެ ބަދަލު ގެންނާނީ އެމްއެމްއޭގެ މަނިޓަރީ ރެގިއުލޭޝަނާއި މަނީ ޗޭންޖަސް ރެގިއުލޭޝަނަށް ކަމަށެވެ.

”މި ބަދަލުގެ ސަބަބުން ވާ ގޮތަކީ، ބޭރުގެ ފައިސާއިން އާމުދަނީ ލިބޭ ވިޔަފާރިތައް ރާއްޖޭގައި ވަރަށް ގިނައިން އެބަ ހިންގާ. މި ފައިސާ ބްލެކް މާކެޓުގައި މިހާރު މި މާރުކުރާ މާރުކުރުން ނިމުމަކަށް އައިސް ބޭންކަށް މާރުކުރަން މަޖުބޫރު ވާނެ.“ ރައިސް ވިދާޅުވިއެވެ.

ރާއްޖެއަށް އަންނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓުތަކުގެ ނަފާ ރާއްޖޭގެ ބޭންކުތަކުގައި ހިފެހެއްޓުމަށް ހިތްވަރު ލިބޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓު އަދި ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ރެގިއުލޭޝަން ވެސް ބަދަލު ކުރައްވާނެ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގައި ޑޮލަރު ހިފެހެއްޓުމަށް ހިތްވަރު ދެވި، ރާއްޖޭގެ ޑޮލަރު ގިނަ ދުވަސް ވަންދެން ހިފެހެއްޓިގެން ދާނެ ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.

އޭރުން ޑޮލަރު މާރުކުރާ ތަންތަން ވެސް ހުންނާނީ ބޭންކާ ގުޅިފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބޭންކުތަކުން އެތަންތަން ގާތުން ބަލަމުން ދާނެ ކަމަށެވެ.

ގިނައިން މިފަދަ ތަންތަން ހިންގަނީ ވެސް، ބޭރު މީހުންކަން ފާހަގަކުރައްވާ ރައީސް ވަނީ، ބޭންކުން އިއުލާނު ކުރާ ބޭންޑުތަކަށްވުރެ މަތިން މިތަންތަނުން ޑޮލަރު މާރުކުރަން އުޅޭނަމަ ރައްޔިތުން އެތަންތަނަށް ނުދިއުމަށް އިލްތިމާސް ކުރައްވާފައެވެ.

މީގެއިތުރުން، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތައް ދައްކާ ޓެކްސް ވެސް ޑޮލަރުން ދައްކާގޮތަށް އުސޫލު ބަދަލުކޮށް މި ވިޔަފާރިތަކުން އިމްޕޯޓުކުރާ ތަކެއްޗަށް ދައްކަންޖެހޭ އިމްޕޯޓު ޑިއުޓީ ވެސް ޑޮލަރުން ދައްކާގޮތަށް ބަދަލުރާނެކަން ވެސް ރައީސް ވިދާޅުވިއެވެ.