ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ބިދޭސީންތަކެއް ރާއްޖެ ނާދެވޭ ގޮތަށް އަނބުރާ ފޮނުވާލައިފިއެވެ.

މި މައްސަލައިގައި ހިމެނޭ ތިން އަންހެނުންނާއި ހަތަރު ފިރިހެނުންގެ ފޮޓޯ އާއްމުކޮށް އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންނާއި ގުޅިގެން ‎ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއެކު، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން 2024 އޮގަސްޓު 11 ވަނަ ދުވަހު ވަނީ ހާއްސަ އިންސްޕެކްޝަނެއް ހިންގާފައި ކަމަށެވެ.

އަދި މިކަމުގައި ޝާމިލްވާ ބިދޭސީ ތިން އަންހެނުންނާއި އެމީހުންގެ އެޖެންޓުގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މި އެންމެން ވެސް މިހާރު ވަނީ ޑީޕޯޓުކޮށްފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 3،000 އަށް ވުރެ ގިނަ ބިދޭސީން މި ސަރުކާރުން މިހާތަނަށް ވަނީ ޑީޕޯޓްކޮށްލައިފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 17ވަނަ ދުވަހުން ފެށިގެން މިމަހުގެ 25ވަނަ ދުވަހުގެ ނިޔަށް 3،322 ބިދޭސީން ފުރުވާލާފައިވާ ކަމަށެވެ.

އިމިގްރޭޝަނުން މައުލޫމާތުދޭ ގޮތުގައި މިހާތަނަށް 257 ތަނެއް ވަނީ ރެއިޑްކޮށްފައެވެ.