ރައީސް ޔާމީނަކީ ސިޔާސީ ގޮތުން ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި އަބްދުއްރަހީމް މިގޮތަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުންނެވީ ”ކޮމްޕްރޮމައިޒް“ ވެވަޑައިގެންފައި ކަމަށާއި، ސަރުކާރުގެ އިސް ބޭފުޅުންނާމެދުގައި ފިޔަވަޅު އަޅުއްވަން އެމަނިކުފާނަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމާ ގުޅިގެން، ސަންގު ޓީވިގައި، ރައީސް ޔާމީނަށް ރައްދު ދެއްވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީީސް މުއިއްޒު ހުންނެވީ ”‏ކޮމްޕްރޮމައިޒް“ވެފައި ކަމަށް ޔާމީން ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަށް ރައީސް މުއިއްޒު އެނގިވަޑައިނުގަންނަވާތީ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ކަމަށާއި، ވަޒީރުންނަކީ ދެއިރު ދެ ދަޅަޔަށް ބަދަލު ކުރަންޖެހޭ ބައެއް ނޫން ކަމަށެވެ.

”އަޅުގަނޑު ކުރީގަ ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް ހާދަ ސްމާޓް ބޭފުޅެކޭ ޔާމީނަކީ. އެކަމަކު މިއަދު މި ހާލަތަށް އައީމަ މި އެނގެނީ، ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއްކަން.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރުގައި، ސިނަމާލެ ބްރިޖާ ގުޅުންހުރި ކަމެއްގައި އެމަނިކުފާނު ރައީީީސް މުއިއްޒުއަށް ”ވަރަށް ބޮޑަށް ބަވާލި“ ކަމަށާއި، އެ ތަނުގައި އެވަގުތު ތިއްބެވި ވަޒީރުންނަށް މިކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.