މާލޭގައި މިރޭ އަންހެނަކު ރަހީނު ކުރުމުން، ފުލުހުންނަށް ބާރުގެ ބޭނުން ކުރަން ޖެހުނީ އޭނާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދިޔުމުންކަން ފުލުހުން ހާމަކޮށްފިއެވެ.
މާފަންނުގެ ގެއެއްގައި އަންހެނަކަށް އަނިޔާ ކުރުމަށްފަހު، ފިރިހެނަކު ވަނީ އޭނާ ގޮވައިގެން ފިލަން މަސައްކަތް ކޮށްފައެވެ.
ރަހީނު ކުރި އަންހެން މީހާ ސަލާމަތް ކޮށްފާނެތީ، އެ ފިރިހެންމީހާ ވަނީ ފުލުހުންނަށް އިންޒާރު ވެސް ދީފައެވެ.
ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، މަގުމަތީގައި ސައިކަލު ހުއްޓުވާލުމަށްފަހު، ފުލުހުން ވަނީ ފިރިހެންމީހާގެ ބޮލުގައި މުގުރުން ޖަހައި، އޭނާ ބިންމައްޗަށް ވައްޓާލައި، އަންހެން މީހާ ސަލާމަތްކޮށްފައެވެ.
މި ހާދިސާގައި ފިރިހެނާއަށް އަނިޔާވެ، މިވަގުތު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އަންހެން މީހާއަށް ވެސް ކުދިކުދި އަނިޔާތަކެއް ވެފައިވެއެވެ.
އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އަންހެން މީހާގެ ހާލު މިހާރު ރަނގަޅު ކަމަށާއި، އޭނާ ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި އޭނާގެ ކަރުގައި ވަޅި އެޅިފައި ނުވާ ކަމަށެވެ. އަދި ފިރިހެނާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށް އިތުރު ޓެސްޓުތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

