ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފައިވާ ތަކެތި ނަގައި އެސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގައި މަދިރި އުފެދޭ ގޮތަށާއި ގަވާއިދާއި ހިލާފަށް ދުވާރު މަތީގައި ތަކެތި ބެހައްޓާފައި ހުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫތަކާއި ކުރިމަތިވުމުގެ އިތުރުން ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވާނެތީ އެތަންތަން ސާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގައި ގަވައިދާ ހިލާފަށް ދުވާރުމަތީގައި އެކޯޕަރޭޝަންގެ ހުއްދަ ނެތި ތަކެތި ބެހެއްޓުމަކީ މަނާކަމެއް ކަމަށާއި ހުއްދަ ނެތި ބެހެއްޓިފައިވާ ތަކެތި 30 ދުވަހުގެ ތެރޭގައި މީގެ ކުރިން ނެގުމަށް ވަނީ އަންގާފައެވެ. އެއީ މި އަހަރުގެ ޖޫން މަހުގައެވެ.

އެޗްޑީސީން ބުނީ، އެ މުއްދަތުގެ ފަހުން އެސަރަހައްދުގައި ނުގެންގޮސް ހުންނަ ތަކެއްޗަކީ އެތަކެތީގެ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި، އެތަކެއްޗާމެދު އެކޯޕަރޭޝަނަށް ފެންނަ ގޮތަކަށް އަމަލު ކުރެވޭނެ ކަމަށެވެ.

އަދި މި މަސައްކަތުގައި ތަކެއްޗަށް އަދި ތަކެތީގެ ވެރިފަރާތްތަށް ލިބޭ ގެއްލުމަށް އެކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެޗްޑީސީން ވަނީ މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުން ނަމަ 1516 ނުވަތަ 3353535 އަށް ގުޅައި މައުލުމާތު ސާފު ކުރުމަށް އެދިފައެވެ.